ކުލަ ހެދުމުގައި ތިބީ އިންޑިއާ ސިފައިން، މަދަނީންނެއްނޫން: ރައީސް ޔާމީން

25 މާރިޗު 2024, ހޯމަ

ޝެއާރ ކޮށްލާ

އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލޮކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން މަދަނީންގެ ނަމުގައި ކުލަ ހެދުމުގައިވެސް ތިބީ އިންޑިއާ ސިފައިންކަމަށާއި އެކަން ސަރުކާރަށްވެސް ރަނގަޅަށް އެނގޭނެކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ހަރުގޭގައި ބޭއްވި އިވެންޓެއްގައި ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު އިންޑިއާގެ އުޅަނދުތައް ރާއްޖޭގައި ބޭނުންވެސް ނުކުރާކަމަށާއި ކުރަން ނުވެސް ޖެހޭކަމަށެވެ. އެހެންކަމުން އެގްރިމެންޓެއްގެ ދަށުންވެސް މަދަނީންގެ ނަމުގައި އިންޑިއާ ސިފައިންގެ ބަޔަކު މިރާއްޖޭގައި ތިބެން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

main-qimg-bd3b729c5306dd6195b0b7965f5e81cb.jpeg

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ އުޅަނދުތައް މިހާތަނަށް ބޭނުންކުރަމުން ގެންދިޔައީ މެޑިކަލް އިމަޖެންސީތަކާއި ރެސްކިއު އޮޕަރޭޝަންތަކަށް ކަމަށެވެ. ނަމަވެސް މިހާރު އެކަން ކުރަން އިންޑިއާގެ އުޅަނދުތައް ބޭނުންކުރަން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އެއާ އެމްބިއުލާންސްގެ ގޮތުގައި މަތިންދާ ބޯޓަކާއި ސީޕްލޭނެއް ބޭނުން ކުރަމުން ގެންދާއިރު ރާއްޖޭގެ ސަރަހައްދު ބަލައި ރެސްކިއު އޮޕަރޭޝަންތަކަށް ޑްރޯން ބޭނުންކުރަން ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިހާލަތުގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓް ރާއްޖެއަށް ބޭނުންވެސް ނުވާކަމަށެވެ.

އެހެންކަމުން އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް މަދަނީ މީހުން ތިބެންޖެހޭކަމަށްބުނެ އޮޅުވާލައިގެން އެގްރިމެންޓެއްގެ ދަށުން އިންޑިއާ ސިފައިންގެ ބަޔަކު އަނެއްގައިވެސް ރާއްޖޭގައި ގާއިމްވެ ތިބޭގޮތަށް ސަރުކާރުން އެއްބަސްވީ ސަރުކާރުގެ ވެރިންނަށް ރިޝްވަތުގެ ގޮތުގައި އިންޑިއާއިން ކިތައް މިލިއަން ދޮލަރު ދީގެންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

* Copyright © 2024 Dhunmaari. All rights reserved.