ފުލުހުން ކުޑަ އަންހެން ގައިގާ އަތްލައި, ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

25 މާރިޗު 2024, ހޯމަ

ޝެއާރ ކޮށްލާ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފުލުހުން ތަކެއް ކުޑަ އަންހެން ކުއްޖެއްގެ ގައިގާ އަތްލައި, އެ ކުއްޖާ އަށް ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިކަން ކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޓްރެފިކް ބަލަހައްޓަން އުޅުނު ފުލުހުންތަކެކެވެ. ނަމަވެސް އެކަމުގައި ބައިވެރިވީ ކިތައް ފުލުހުން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު ބުނީ އެ ކުއްޖާ ގައިގާ ނުބައި ނިޔަތެއް އޮވެގެން އަތްލި ކަމަށް ބެލެވެނީ އެންމެ ފުލުހެކެވެ. އެކަމަކު އެތާ ތިބި އިތުރު ފުލުހުންތަކެއް އެކަން ފޮރުވައި, އެކަން ނުހިނގާ ކަމަކަށް ހަދަން އުޅުނު ކަމަށް އޭނާ ބުނެ އެވެ.

އެކަން ހިނގާފައިވަނީ ދެ ވަނަ ފިޔަވަހީގެ 4 ވަނަ ފްލެޓް ކައިރިން ކަމަށް ވެއެވެ. އަދި އެ ކުއްޖާ ގައިގާ ފުލުސް މީހާ އަތްލައި, އެ ކުއްޖާ އަށް ބެހެން އުޅުމުން, އެ ސަރަހައްދުގައި ތިބި އާންމުން އެކަން ހުއްޓުވައި, އާންމުންނާއި ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން އެ ކުއްޖާ ގައިގާ ޖެހައި, އެ ކުއްޖާ އަށް އަނިޔާ ކުރި ކަމަށް ވެސް މަންޒަރު ދުއް މީހުން ބުނެ އެވެ.

"އެ ކުއްޖާ އިނީ އެހެން މީހެއްގެ ސައިކަލު ފަހަތުގަ. އެ ސައިކަލު ޓްރެފިކް ފުލުހުން ހުއްޓުވުމަށް ފަހު, ފުލުހަކު އެ އަންހެން ކުއްޖާގެ ގައިގާ އަތްލައި, އެ ކުއްޖާ އަށް ބެހެން އުޅުނީ. އެއާ އެކު ސައިކަލު ދުއްވަން އިން ކުއްޖާ ވެސް ރުޅި ގަދަވާނެތާ. އެތާ ތިބި އެހެން މީހުން ވެސް ވަގުތުން ފުލުހުންނާއި ދެކޮޅަށް އެރުމުން އެސްއޯ ފުލުހުން އައިސްގެން މިހާރު އުޅެނީ," އެވަގުތު އެ ތަނުގައި ހުރި މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާގެ އުމުރުން އަދި ވީ އެންމެ 17 އަހަރެވެ. އަދި މިކަމާއި ގުޅިގެން އެ ކުއްޖާ އަށް ވަނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައި ކަމަށް ވެއެވެ.

މިއީ މީގެ ކުރިން ދިވެހި ފުލުހުން ނުވެއްޓޭހާ ދަށު ދަރަޖަ އަކަށް ފުލުހުންގެ ހިދުމަތް ވައްޓާލައި, ފުލުހުންގެ ޕްރޮފެޝަނަލްކަށް މުޅިން ދޫކޮށްލައި, ފުލުހުންގެ ތެރެ އިންތިހާ އަށް ސިޔާސީ ކުރުމުގެ ހިތި ތަޖުރިބާތައް ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

* Copyright © 2024 Dhunmaari. All rights reserved.