އަޅުގަނޑަށް ބިރެއް ނުދެއްކޭނެ, ކުޑަ ކޮށް ވެސް ފަހަތައް ނުޖެހޭނަން: ފައްޔާޒް

27 މާރިޗު 2024, ބުދަ

ޝެއާރ ކޮށްލާ

ދުނިޔެ މަތީގެ ބިރަކީ ދަންނަ އެއްޗެއް ނޫން ކަމަށާއި, ހަމައެކަނި ބިރުއެތި ވަނީ ٱللَّٰه އާއި އާހިރަތް ދުވަހަށް ކަމަށާއި, ބިރު ދެއްކުމަށް ކުރާ އެއްވެސް ކަމަކުން ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ފައްޔާޒް ވިދާޅުވީ, އޭނާ ފުލުހަށް ގެންދަނީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން, އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އެކަމަކު އެކަން ދޮގުބޯ މުއިއްޒަށް އޮޅިގެން އުޅޭ ކަމަށާއި, އެމްޑީޕީ މީހުންނަކީ ވެސް ބިރު ގަންނަ ބައެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ, އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ, ކުޑަ ކޮށް ވެސް ފަހަތައް ނުޖެހޭނެ. އެކަން އަޅުގަނޑުމެން ސާބިތު ކޮށްފަ އޮންނާނީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރާ ދޭތެރޭގައި. އެހެންވީމާ އެހެން އަދި އަޅުގަނޑުމެންނަށް ބިރު ދެއްކޭނެ ކަމަށް ވިސްނަވައިގެން ފުލުސް އޮފީހަށް ހާޒިރު ކޮށްލައިގެން, އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ފާއިތުވި 20 އަހަރު އެމްޑީޕީން ކުރި މަސައްކަތާއި އެކު ސިޔާސީ ގޮތުން ބިރު ނުދެއްކޭނެކަން މިހާރު އެނގެން ވާނެ ކަމަށެވެ. އެގޮތުން ބިރެއް ނެތި އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގައި, ގައުމުގައި އަދުލު އިންސާފު ގާއިމް ކުރަން ކުރި މަސައްކަތް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ އެޑްވައިސް އަކީ އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި. މާދަމާ އަޅުގަނޑު ގެންގޮސް އެތަނުގައި ހައްޔަރު ކުރިއަސް އެއްގޮތަކަށް ވެސް ކަންބޮޑުވެނުލައްވާތި އަޅުގަނޑާއި ދޭތެރޭގައި, އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ. އަޅުގަނޑުގެ ބިރުވެރި ކަމެއް ނޯންނާނެ. އެތަނުގައި އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް ތިޔަ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތް ކުރައްވާ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވާ," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް މިފަދައިން ވާހަކަ ދެއްކެވި އިރު, މާދަމާ 15:00 އަށް ފުލުހަށް ހާޒިރު ވުމަށް ވަނީ އަންގައިފަ އެވެ. ފުލުހުންގެ އިސް ވެރިންތަކެއް ނަން ނުޖަހާ ގޮތަށް ވިދާޅުވީ, މިއީ ސީދާ ދޮގުބޯ މުއިއްޒުގެ އޯޑަރަށް ފުލުހުންގެ އެތެރެ ސިޔާސީ ކޮށްލުމަށް ފަހު ހިންގާ ޕީއެންސީގެ ކެމްޕެއިން ކަމެއްކަމަށެވެ.

* Copyright © 2024 Dhunmaari. All rights reserved.