ރޯހިތު ހޯދަނިކޮށް ދޮގުބޯ މުއިއްޒަށް ފެނުނީ ރާޖު: އެއާއި އެކު ދިވެހިންގެ ރާއްޖެ – ރާޖުގެ ރާއްޖެ އަށް!

30 މާރިޗު 2024, ހޮނިހިރު

ޝެއާރ ކޮށްލާ

ރާއްޖެ އޮތީ ބޭރު ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެއްކުމަށް ފަހު ވެރިކަމަށް އައިސް މި ސަރުކާރުން މާލެ ސަރަހައްދުން ބޮޑެތި ބިންތަކެއް ބޭރު ބަޔަކަށް ދީފައިވާ ކަމަށާއި އެއީ އެއްވެސް ޕްލޭނެއް ނެތި ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ބައެއް ވާހަކަތަކަކީ ދޮގުތަކެއް ކަމަށް ވިދާޅުވެ، އޭގެ ތަފްސީލު ދެއްވައިފަ އެވެ.

އެއް ކަމެއްގެ ގޮތުގައި ސޯލިހު ފާހަގަކުރެއްވީ މުޅި ރާއްޖޭގައި އިންޑިއާ ސިފައިން ހާހުން ތިބި ކަމަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ އިން ދެއްކި ވާހަކަތަކެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އަޑުއިވުނު އަޅުގަނޑުމެންނާ އިދިކޮޅު ބައެއް ކެންޑިޑޭޓުން ވިދާޅުވި، ހިނގައިނުގަނެވިގެންނޭ މި އުޅެނީ ރަށްރަށުގައި، އިންޑިއާ ސިފައިންނާ ހެދި. އަޅައިގަނެފައި ވެއްޓެނީއޭ. އޭހާ ބައިވަރު އިންޑިއާ ސިފައިން ތިބި ވާހަކަ ދެއްކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ސޯލިހު ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއް ކަން މިއަދު ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ.

"އުތުރު ތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، އެ 'ރޯހިތު' ހޯދަން، ލޯންޗުގައި ވީޑިއޯ ކެމެރާ އާއި ސްޓިލް ކެމެރާ ހިފައިގެން ދިޔައީ. އެކަމަކު ދިޔައިރު ރޯހިތު ފިލައިފި ކަމަށްވަނީ. ރޯހިތެއް ނެތް އެތާނގައި. އެތާ ހުރީ ސިފައިންގެ ބޭކަލެއް،" ސޯލިހު ވިދާޅުވި އެވެ.

"އެހެން އުޅެނިކޮށް މި ދިމާވީ ރާޖޫ ކިޔާ މީހަކާ. ދިމާވެގެން ރައީސް މުއިއްޒު މި ވިދާޅުވީ ތިމަންނާ ވީ ވައުދެއް އެބައޮތޭ، ކޮންމެހެން ކޮށްދޭން އެބަޖެހެއޭ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދެއް ތިމަންނާ ވެފައި އޮންނާނޭ. އެހެންވީމަ ކޮންމެވެސް ގޮތަކުން ފުށިދިއްގަރަށް ފަސްކޮޅެއް އަޅާލަދޭށޭ. މިކަމަށްޓަކައި މި ރާޖޫއަށް ހުޅުމާލެއިންނާއި ފުށިދިއްގަރުފަޅުން 80 ހެކްޓަރަށް ވުރެ ބޮޑު ބިން ދީފި."

ސޯލިހު ވިދާޅުވީ އެއީ މިސާލަކަށް މާލޭގެ މާފަންނު އެއްކޮށް ދިނުން ފަދަ ކަމެއް ކަމަށެވެ.

ރޯހިތު އާއި ރާޖޫ އަކީ ކޮން ބައެއް؟

- އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ފޮޓޯ އާއި ވީޑިއޯ ނަގަން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި، ބަޔަކު ޑިންގީއެއްގައި އެތަނަށް ދިޔަ

- އެ މީހުން ހުއްޓުވީ އެމްއެންޑީއެފް މީހެއް؛ އެ މީހުން އާންމުކުރި ވީޑިއޯއެއްގައި އެ ސިފައިންގެ މީހާ، ރޯހިތު ކޮބާތޯ ސުވާލުކުރާ އަޑު އިވޭ

- ރާޖޫ (ފުރިހަމަ ނަމުން ނަމަ ސިވަރާޖަ މަނިވަންނަން) އަކީ ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކުރި ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓު (ސީއެމްސީ)ގެ އިސްވެރިއެއް

- އެ މަޝްރޫއު ހިންގަނީ ފައިސާގެ ބަދަލުގައި ކޮންޓްރެކްޓަރަށް 70 ހެކްޓަރުގެ ބިން ދީގެން

* Copyright © 2024 Dhunmaari. All rights reserved.