ފައްޔާޒް ހާޒިރު ކުރަނީ ސިޔާސީ ޑްރާމާއެއް ކުޅެން, ބޭނުމަކީ ނަން ހަޑިކޮށްލުން: ފުލުހުންގެ އިސް ވެރިންތަކެއް

27 މާރިޗު 2024, ބުދަ

ޝެއާރ ކޮށްލާ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ފުލުހަށް ހާޒިރު ކުރަނީ ސަރުކާރުން ކުޅޭ ސިޔާސީ ޑްރާމާއެއްގެ ތެރެއަށް ގަދަކަމުން ފުލުހުން ވައްދައިގެން ކަމަށާއި, އޭގެ ބޭނުމަކީ މަޖިލީސް އިންތިހާބާއި ދިމާކޮށް އެމްޑީޕީ އާއި ފައްޔާޒުގެ ނަން ހަޑިކޮށްލުން ކަމަށް ފުލުހުންގެ އިސް ވެރިންތަކެއް ވިދާޅުވެއްޖެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ފުލުހުންގެ އިސް ތިން ބޭފުޅަކު ވަނީ ސަރުކާރުން ފުލުހުންގެ ތެރެއަށް ވަރަށް ބޮޑަށް އަތް ބާނައި, ފުލުހުން ލައްވާ ސިޔާސީ ބޭނުމަށް ކަންކަން ކުރުވަން މަސައްކަތް ކުރުވަމުން ކަމަށެވެ. އެގޮތުން ފުލުހުން ލައްވާ ޕްރެސްކޮންފަރެންސެއް ބާއްވައިގެން ފައްޔާޒުގެ ނަން ހަޑިކޮށްލަން މީގެ ކުރިން މަސައްކަތް ކުރުވި ކަމަށް ވެސް އެ ތިން ބޭފުޅުން ވެސް ވިދާޅުވި އެވެ.

"ފުރަތަމަ އުޅުނީ ޕޮލިސް އިން ޕްރެސް އެއް ބާއްވާފައި, ބަލަން ނުވެސް ފަށާ މައްސަލައެއްގައި ފައްޔާޒުގެ ނަން ކިޔައި, އަގު ވައްޓާލަން. އެ ދުވަހު އަޅުގަނޑުމެން ސީދާ ރައީސް ކައިރީ ދެންނެވިން ތިޔަ ކަމެއް ފުލުހުން ލައްވާ ނުކުރެވޭނޭ," އެ ބޭފުޅުން ވިދާޅުވި އެވެ.

"ފަހުން ސީދާ ހޯމް މިނިސްޓަރު އިހުސާން ޕްރެސް އެއް ބާއްވައިގެން ކަނޑައެޅިގެން ދޮގު ހަދާފައި އޮތީ. ފަހުން ބޭއްވި މީޓިންތަކުގައި އިހުސާން ވިދާޅުވެސް ވެފައި އެބަހުރި މިއީ ހަމަ ޕޮލިޓިކްސް ކަމަށް. އެކަމަކު މިއީ އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއް ނޫން,"

އެ ބޭފުޅުން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ފުލުހުން ސިޔާސީ ކުރުވުން ހުއްޓުމަކަށް ގެނެސް, ހެޔޮ ބަދަލުތަކެއް ގެނައި ކަމަށެވެ. ނަމަވެސް މިހާރު އަލުން އެ މަސައްކަތް ސުމަކުން ފަށަން ޖެހޭ ވަރަށް ފުލުހުން ސިޔާސީ ކުރުވަމުން އަންނަ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ދުވަހަކު ވެސް މައްސަލަ ބަލާ އައިއޯ އަށް ފުލުހުންގެ ކޮމިޝަނަރު ގުޅާފައި މިވެނި ގޮތަކަށް މައްސަލަ ނިންމާށޭ އަންގާފައެއް ނޯންނާނެ. އެކަމަކު މިހާރު ސީދާ ހުރިހާ ޕްރޮޓޮކޯލްތަކެއް ފުނޑާލުމަށް ފަހު އެކަން ވެސް އެބަ ހިނގާ. މީގެ ނަތީޖާ ވަރަށް ގޯސްވާނެ," ފުލުހުންގެ އެންމެ އިސް ސަފުގައި ގުނާލެވޭ ބޭކަލަކު ވިދާޅުވި އެވެ.

* Copyright © 2024 Dhunmaari. All rights reserved.